މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ގޭންގު ހަދައިގެން ކުރާ ކުށްތައް މަނާކުރުމުގެ ބިލު ފާސްވެ، ގާނޫނަކަށްވެގެން ދިއުމުން މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އދ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މީގެ ސާޅީހަކަށް، ފަންސާހަކަށް އަހަރު ކުރިން ފެށިގެން މިހިސާބަށް އައިއިރު ހައްލު ނުކުރެވި އޮތް ބޮޑު މައްސަލައެއް ކަމަށާއި، ގާތްގަނޑަކަށް ކޮންމެ އާއިލާއެއްގައި އެކަމުގެ އަވާގައި ޖެހިފައި ހުރި ކޮންމެވެސް ކުއްޖަކު ހުންނާނެ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ޖީލުތަކަށް މި ގައުމު ހެޔޮ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން މިހާރަށްވުރެ ރަނގަޅު ނިޒާމެއް ގާއިމުކޮށްގެން އެކަން ހައްލު ކުރުމަކީ އެމަނިކުފާނު ބޭނުންވާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުވެސް ކަމާ ގުޅޭ ގާނޫނު އެބަ އޮންނަ ކަމަށާއި، އެކަމަކު ގިނަ ލޫޕް ހޯލްސްތަކެއް ހުރުމުން، ބޭނުންވާ ފެންވަރުގައި، ބޭނުންވާ ބާރުމިނުގައި، އެ މައްސަލަ ހައްލު ކުރުމަށް ދަތިތަކެއް ހުރި ކަމަށެވެ.
އެހެންވީމާ، އާ ބިލެއް މި ހުށަހެޅީ މަޖިލީހަށް. އެއާ ގުޅިފައި މިއޮތީ ނުރައްކާތެރި ކުށްތައް ކުރުން. އޯގަނައިޒް ކްރައިމް ހިންގުން. އެހެން ގޮތަކަށް ދަންނަވަންޏާ ގޭންގް ވަޔަލަންސް. މިކަމަށްވެސް އޮވޭ ގާނޫނެއް. އެކަމަކު ހަގީގަތުގައި އެ ގާނޫނުގެ ތެރެއަކު މިވަގުތަކު ނެތް، މިއޮތް ވަރުގައި މި މައްސަލަ އޮއްވައި، އެކަމަށް އެދެވޭ ހައްލެވޭ ގެނެވޭނެވަރުގެ ފަރުވާތަކެއް. އެހެންވީމާ، އެ މައްސަލަ ހައްލުކުރަން ވެސް ބިލެއް ހުށަހެޅިފައި މިހާރު ވަނީ.
ރައީސް ވިދާޅުވީ މިހެންހުރި ކަންކަމަށް ހައްލު ގެނައުމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރެޔާއިދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ދެން ހުޅުވިގެންދާއިރުގައި، ސަރުކާރުން މިހާރު ހުށަހަޅާފައި މި އޮތް ދެ ބިލު ފާސްވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފާސްވީމާ، އިމްޕްލިމެންޓް ކުރާ އޭޖެންސީތަކާއި، ޕޮލިހާއި، ދެންހުރި ފަރާތްތަކާއި، ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި، މިކަން ހައްލުކުރުމުގައި ނަތީޖާތަކެއް ނެރެވޭނީ. ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި.
މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ބަޔަކު ކުށްވެރިކުރާކަށް ނޫން ކަމަށާއި، ބޭނުންވަނީ ޑްރަގާއި އެކިކަހަލަ ކުށްތަކުގެ ތެރޭގައި އުޅޭ ޒުވާނުންނާއި، އާންމު ރައްޔިތުން ސަލާމަތްކުރަން ކަމަށެވެ.
މި ލިޔުން ކިޔާލުމުން