ކޮރަޕްޝަނާއި ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ ފުލުހުން ކަނޑައެޅިގެން ނޫނެކޭ ބުނަންޖެހޭ ކަންކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ޕޮލިސް ކޮލެޖްގައި މިރޭ ބޭއްވި، 37 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
މިނިސްޓަރު ވިދާޅުވީ އިނީޝިއަލް ތަމްރީނު ކޯހެއް ނިންމުމާއި، ނިމިގެން ހަފްލާއެއްގައި ނިމުން ފާހަގަ ކުރެވުމަކީ ފުލުހެއްގެ ހަޔާތުގައި އަންނާނެ އެންމެ ކުލަގަދަ އަދި އެންމެ މުހިއްމު އެއްދުވަސް ކަމަށެވެ.
އަދި ކުށުގެ މާހައުލުގައި އުޅޭ ކުށް ކުރަމުންދާ ތުއްތު ކުދިން އެ މާހައުލުން، ސަލާމަަތްކޮށް، ރައްކާތެރި މާހައުލަކަށް ގެންގޮސް، އެ ކުދިންނަކީ ރާއްޖެއަށް ފައިދާ ހުރި ޒުވާނުންތަކަކަށް ހެދުމަކީ އަޅުގަނޑުމެންގެ ހޯމް ޓީމްގައި ހިމެނޭ ޒިންމާގެ ތެރެއިން ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކާ ހޯމް ޓީމުތެރޭގަ ހިމެނޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމަކީ ތިކުދިން އަޒުމް ވަރުގަދަކަމާއެކު ކުރިމަތިލާން ޖެހޭނެ ޗެލެންޖެއް" މިނިސްޓަރު ވިދާޅުވިއެވެ.
މިކަން ކަމަކީ މިއަދު ދިވެހި ރައްޔިތުން ފުލުހުންގެ ފަރާތުން އެދޭ އެދުން ކަމަށާއި، މި ކަންކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަންކަމާ ކުރިމަތި ލައިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކީ އޭގައި ހުރަސްތަކެއް ހިމެނޭ ފިޔަވަޅުތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ މާހައުލު އޮތްގޮތުން ކޮރަޕްޝަނާއި ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ ކަނޑައެޅިގެން ނޫނެކޭ ބުނަންޖެހޭނެ ކަންކަން ކަމަށެވެ. އަދި މީ ހިތްވަރު ހުރެގެން، ކެރިގެން، ﷲ ގަންދީ ކުރާ ހުވާމަތީގައި ތިބެގެން ދިވެހި ރައްޔިތުންނަށްޓަކައި ހިދުމަތް ކުރަން ނުކުމެގެން ނޫނިއްޔާއި ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ރާއްޖޭގައި ޒަމާންތަކަކަށް ވަންދެން ދެމިގެން ގޮސްފައި އޮތް ޑްރަގްގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތި ކުދިންގެ ފަރާތުން އެދޭ އެދުމެއް ކަމަށެވެ. އަދި ގޭންގްތައް ހަދައިގެން ކުށްތައް ކުރުން އެެއްކޮށް ހުއްޓުވުމަކީ ދެކެން ބޭނުންވާ ދުވަސް ކަމަށާއި، އެއީ ތި ކުދިންގެ މިޝަން ކަމަށް ހަދަން މިނިސްޓަރު ވިދާޅުވި އެވެ.
ޑްރަގްގެ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގް އަތުލައިގަނެވުނުއިރު، ރާއްޖޭގެ ސަރަހައްދުން އަތުލާގަތް ޑްރަގާއެކު ޖުމްލަ އަގު 1.3 ބިލިއަން ރުފިޔާގެ ޑްރަގް އާއްމު މާހައުލުގެ ތެރެއިން ދިއުން ހުއްޓުވިފައިވާ ކަމަށެވެ. އަދި އެތައް ހާސް މީހުންނެއް ހުއްޓުވާ، ބަލައިފާސްކޮށް، އެތައް މަައްސަލައެއް ބެލި، އެތައް ބަޔަކު ޑްރަގްގެ ވަބާއިން ދުރު ކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ގޭންގް ހަދައިގެން ކުށްތައް ކުރަން އުޅޭ ތަންތަނުގައި ފާރަވެރިވެ، އެކަންކަން ކުރުމުގެ ހިނގުމުގެ ކުރިން އެކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ އާދަޔާ ހިލާފު މަސަައްކަތްތަކެއް ކުރަަމުން، މިކަންކަމުން މިދިޔަ އަހަރު ވަނީ ނަތީޖާ ދަައްކާފައި،". މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވެއެވެ.
ތަމްރީނު ކޯސް ނިންމި ކުދިންނާއި މުހާތަބު ކުރަމުން މިނިސްޓަރު ވިދާޅުވީ ތިއިން ކޮންމެ ކުއްޖެއްގެ އަޒުމަކަށް ވާންވީ ހަށިގަނޑާއި ފުރާނައިން ގުރުބާން ވެގެން މިކަންކަން ދިވެހިރައްޔިތުންނަށް ކޮށްދޭން ކަމަށެވެ.
އެއީ ދިވެހިރައްޔިތުންގެ އެދުންކަމާއި، ހުދު އެމަނިކުފާނުވެސް އެދޭ އެދުންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން