އއ.ހިމަންދޫ ރަށް ގިރުމުގެ މައްސަލައަށާއި، ސުކޫލުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ.ހިމަންދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މމިއަދު ހަވީރު އއ.މަތިވެރި ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ، ރަށުގެ ނެރުގެ މައްސަލަ ހުރިކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ރައީސާ ހިއްސާ ކުރައްވައިފައެވެ.
މީގެއިތުރުން ރަށުގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމާއި، ބިމުގެ ދަތިކަމާއި، ސްކޫލުގެ ޖާގައިގެ ދަތިކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ރަށް ގިރުމުގެ މައްސަލައަށާއި، ސުކޫލުގެ ޖާގައިގެ ދަތިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހިމަންދޫގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
ކައުންސިލުން ފާހަގަކުރެއްވި އެކި ކަންކަމަށް ހައްލު ހޯދުމުގައި މިހާރު ކުރައްވަމުންދާ މަސައްކަތްތައް ވެސް ހިއްސާކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން