ބުޅާތަކަށް އަޅާލުމަށް ބޭނުންވާ މިންގަނޑުތަށް ކަށަވަރުނުވާތި އޮޅުހިޔާއަށް ބުޅާތަށް ގެންދެވެން ނެތްކަމުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.
މާލޭގެ މަގުތަކުން ބުޅާތައް ނަގައި އޮޅުހިޔާއަށް ބުޅާތައް ގެންދިއުމުގެ މަސައްކަތް މި ހަފްތާތެރޭގައި ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތުގެ އެސްއޯޕީތަކާއި، ޕްލޭންތަކާއި ލަފާތައް މިނިސްޓްރީން ކައުންސިލަށް ހިއްސާކޮށްފައިވީ ނަމަވެސް، މިހާތަނަށް ކައުންސިލުން އެއްވެސް ހިޔާލެއް ހުށަހަޅާފައި ނުވާކަމަށެވެ.
މިވަގުތު ބުޅާ ފެސިލިޓީގައި ފުރިހަމަވާން ޖެހޭ ގިނަ ކަންތައްތަކެއް ނުނިމި ހުރި ކަމަށާއި، އެސްއޯޕީތަކަށް ރިއާޔަތްނުކޮށް އެތަނަށް ބުޅާތައް ގެންދަން ފަށައިފި ނަމަ ބުޅާތަކުގެ ސިއްހަތަށާއި ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.
އަދި އެސްއޯޕީގައި ބަޔާންކޮށްފައިވާ އިންތިޒާމުތައް ހަމަނުޖައްސާ އޮޅުހިޔާއަށް ބުޅާތައް ގެންދިއުމުން ބުޅާތަކަށް އަޅާލުމަށް ބޭނުންވާ މިންގަނޑުތައް ކަށަވަރު ނުވުމުގެ ނުރައްކާ އެބައޮތް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
މިވަގުތު އޮޅުހިޔާއަށް ބުޅާތައް ގެންދިއުމަކީ މިނިސްޓްރީއަށް ފެންނަ ކަމެއް ނޫން ކަމަށް ބުނެ އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެކަންތައްތަކުގެ ތެރޭގައި:
• ބުޅާ ފެސިލިޓީގައި މަސައްކަތް ކުރާ އެއްވެސް ފަންނީ މަސައްކަތްތެރިއެއް މިހާތަނަށް ރަޖިސްޓްރީކުރެވިފައި ނުވުން.
• އަލަށް ގެނެވޭ ބުޅާތައް ކަރަންޓީނުކުރެވޭނެ ކޮށިތައް މިވަގުތު އެތަނުގައި ނެތުން.
• ބުޅާ ފެސިލިޓީގައި އުފެދޭ ބަޔޮލޮޖިކަލް ވޭސްޓު ނައްތާލެވޭނެ ރައްކާތެރި ނިޒާމެއް އަދި ތަނުގައި ނެތުން.
• ބުޅާތަކަށް ކާނާ އާއި ފެން، އަދި ބޭނުންވާ އެހެން ތަކެތި ހޯދިފައި ނުވުން.
• ބުޅާތަކަށް އަޅާލާނެ އެއްވެސް މުވައްޒަފެއް މިވަގުތު ހިޔާގައި ނެތުން.
އޮޅުހިޔާ އިން ހިދުމަތް ދޭން ފެށުމުގެ ކުރިން މިމައްސަލަތަށް ހައްލުކުރަން ޖެހޭކަމަށާއި، މާލެ ސިޓީ ކައުންސިލުގައި މި ކަންތައްތައް ހައްލުކޮށްދެއްވުމަށް ވާނީ އެދިފައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން