ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތްވާ ފެނުނު އެ ރަށު/ ޑެއިޒީފެހި، މުހައްމަދު ހަސަންގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކަނީ އޭނާ ނިޔާވެފައިވަނީ ގެނބިގެން ކަމަށްކަން ފުލުހުން މިއަދު ބުނެފިއެވެ.
މުހައްމަދު ހަސަންގެ ހަށިގަނޑު ފަޅުތެރެއިން ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެވެ. އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ފުލުހުން ބޭއްވި ޕްރެސް ބްރީފިން ގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ، މުހައްމަދު ހަސަންގެ ހަށިގަނޑުގެ ބޭރު ފުށުން ހަންމެށިފައި ހުރި ކުދިކުދި އަނިޔާ ހުރިނަމަވެސް، ބޮޑު އަނިޔާއެއް ނުވަތަ މީހެއްގެ ފުށުން އަނިޔާއެއް ލިބިފައި ހުރިކަމަކަށް ފާހަގައެއް ނުކުރެވޭ ކަމަށެވެ.
އަދި މުހައްމަދު ހަސަން މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހެދުނު އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކަނީ އޭނާ ނިޔާވެފައިވަނީ ގެނބިގެން ކަމަށްކަން ސާމިހު ވިދާޅުވި އެވެ.
ސާމިހު ވިދާޅުވީ ޖުމްލަ ގޮތެއްގައި މި މައްސަލައިގެ މުޅި ތަހުގީގު ފުރިހަމަ ކުރެވޭނީ އޮޓޮޕްސީގެ ދާއިމީ ނަތީޖާ ލިބިގެން ކަމަށް ވާއިރު އަދި މިހާތަނަށް އެ ނަތީޖާ ނުލިބޭ ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ކުރެވުނު ތަހުގީގު ތަކުން މުހައްމަދު ހަސަން ނިޔާވުމުގައި އެހެން ފަރާތެއްގެ ބައިވެރިވުން އޮތްކަމަކަށް ތަހުގީގަކަށް ނުބެލެވޭ ކަމަށް ސާމިހު ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން