ތަދުކެނޑުވުމަށް ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނުމުން އެ ދެ ބޭސް ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރު ކުރުމަށްޓަކައި އެ އޮތޯރިޓީން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން މާކެޓުން ބޭހުގެ ސާމްޕަލް ނަގައި ސްކްރީން ކުރުމުގެ މަސައްކަތް މެދު ކެނޑުމެއްނެތި ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގައި ސްކްރީން ކުރި، ތަދުކެނޑުވުމަށް ބޭނުންކުރާ ދެ ބޭހެއް، ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެއިން އެއް ބޭހަކީ Mefnac Suspension 50mg/ml (Mefenamic Acid) އެވެ. ދެވަނަ ބޭހަކީ Axcel Mefenamic acid Suspension 125mg/5ml (Mefenamic Acid) އެވެ.
އެމްއެފްޑީއޭއިން ބުނީ މި ވަގުތު އެ އޮތޯރިޓީގެ ފަރާތުން މި ދެ ބޭހުގެ ކޮންފަރމޭޓްރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަތީގައި ''ބަޔާންކުރެވިފައިވާ 2 ބޭހުގެ، އެއްވެސް ބެޗެއް މި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން މަނާ ކޮށްފައިވާ ކަމުގައި ދަންނަވަމެވެ. އެހެންކަމުން މިވަގުތު ބޭސްފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި މި 2 ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް ދަންނަވަމެވެ.'' އެމްއެފްޑީއޭއިން ނެރުނު އެލާޓުގައި ބުނެފައިވެއެވެ.
މީގެއިތުރުން ބޭސް ވިއްކާ، ބޭސް ގަންނަ އެންމެހާ ރައްޔިތުން މިކަމަށް ސަމާލުވުމަށް ވެސް ވަނީ އެދިފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން