ރާއްޖޭގެ އިރުން އުފެދިފައިވާ ދެ ކޮޅިގަނޑެއްގެ ސަބަބުން، މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން އާންމުކުރި މޫސުމާބެހޭ ޚަބަރެއްގައިބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އިތުރަށް ބާރުގަދަވެ، ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށާއި، މި ކޮޅިގަނޑު ދަތުރުކުރަމުންދާނެ ކަމަށް ބެލެވެނީ ހުޅަނގު އުތުރުން އިންޑިއާގެ ޓެމިލްނާޑް - ސްރީލަންކާ އައްސޭރިފަށާ ދިމާއަށް ކަމަށެވެ.
މީގެއިތުރުން ރާއްޖެއާއި ދުރުން ރާއްޖޭގެ އިރުދެކުނުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މި ދެ ކޮޅިގަނޑާ ގުޅިގެން 27 ނޮވެންބަރު ވާ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމު ވައި ބާރުވާނެ ކަމަށް ބެލެވެއެވެ. އާންމު ގޮތެއްގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެއެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން ވެސް އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުިމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން ކަނޑުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން