މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވީ، މާލޭގައި ހުންނަ ފުރުޤާން މިސްކިތަށް ރޭ ފަތިހުގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށް ބުނެ، ޝެއިޚް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
ޝައިޚް އާދަމް ނިޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ މިއަދުގެ ފަތިސް ނަމާދު ކުރިން ފުރްޤާން މިސްކިތުގެ ފަހަތުގައި ހުރި މުސްޙަފްތައް މުޅިތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެއަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައިފައިވާ ކަމަށެވެ.
މީގެއިތުރުން ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައިވާ ކަމަށް ވެސް ޝައިޚް ނިޝާން ވިދާޅުވިއެވެ.
ޝައިޚް ނިޝާން ވިދާޅުވީ މިކަން ކޮށްފައިވަނީ އެ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށާއި، އޭނާ ވަނީ މީގެ ކުރިން އެތައް ފަހަރަކުވެސް މުސްޙަފްތައް އުކާލުމާއި، މިފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިނިސްޓަރު ޝަހީމް އިތުރަށް ވިދާޅުވީ ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަން މިނިސްޓްރީން މިއަދު ނިންމާފައިވާ ކަމަށެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިމައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށް ބުނެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން