އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ހަލުވިކޮށް ކުރިއަށްދާނެ ކަމުގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ބުނެފިއެވެ.
ޕީއެންސީއިން ނެެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ބަލައިނުގަތުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ވޯޓު ދިނީ މިއީ މަޖިލީހުގައި މިއަދު ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތި، މަޖިލީހަށް ވެއްދި ގަރާރެއް ކަމުގައި ދެކޭތީ ކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ކުރިއަށްގެންގޮސް، އެކުލަވާލައިފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ނިންމާނެކަމާމެދު އެ ޕާޓީން ޝައްކުނުކުރާ ކަމަށެވެ.
ޕީއެންސީއިން ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި އެ ޕާޓީ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކީ، އެ މައުސޫމު މުސްލިމު އަޚުންނާއި އުޚުތުންގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުންމަތީ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.
މި ލިޔުން ކިޔާލުމުން