މަޖިލީހުގެ މެމްބަރުކަމަށް އިންތިހާބުވި ޕާޓީ ބަދަލުކޮށްފި ނަމަ، މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވިކަމަށްޓަކާ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ އެމްޑީ ވިދާޅުވީ މިއީ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ޤާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތަޢުރީފު ޙައްޤު ފިޔަވަޅެއް ކަމަށެވެ.
އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޤާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާޙަށް އިސްކަންދެއްވައި، މި އިސްލާޙު އަވަހަށް ފާސްކުރުމަށް ހުރިހާ މަޖިލިސް މެމްބަރުންނަށް އެމަނިކުފާނު ގޮވާލާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާޙެއް ގެނެވުމަކީ، ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އަޅާނެ މުހިއްމު ބަދަލެއް ކަމަށް އަޅުގަނޑު ދެކެން" ފަހުމީ ވިދާޅުވި އެވެ."
ފަހުމީ ވިދާޅުވީ އިންތިޚާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަޚްލާޤާއި ޚިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށާއި، މި ހުށަހަޅާފައިވާ އިސްލާޙުން ސީދާ މި ގޮންޖެހުންތަކަށް ޙައްލު ހޯދައިދެނީ، ގިނަ ފަހަރު އަމިއްލަ އެދުން އިސްކޮށް، ވަގުތީ މަންފާއަށް ޕާޓީ ބަދަލުކުރާ ކުރުން ހުއްޓުވައިގެން، އަދި ޤާނޫނު ހަދާ މަރުޙަލާގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކުރިއެރުވުމުން، މި އިސްލާޙުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ޚިދުމަތްކުރާ ރައްޔިތުންނަށް ވަޢުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާޙައުލު ހަމަޖައްސައިދޭނެ ކަމަށެވެ.
މީގެ އިތުރުން މި އިސްލާޙުގެ ސަބަބުން ޝަރުޢީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރު ކުރެވިގެން ދާނެ ކަމަށްވެސް ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެފައިވެ އެވެ.
ފަހުމީ ވިދާޅުވީ ދެފުށް ފެންނަ، ޒިންމާދާރު ޤާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޤާނޫނުތައް ނެގެހެއްޓުމުގެ ފުރުޞަތު ޝަރުއީ ދާއިރާއަށް ފަހިކުރާނެ ކަމެއް ކަމަށާއި، އެހެން ޤައުމުތަކުގައި ހަދާފައިވާ މިފަދަ ޤާނޫނުތަކަކީވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ވަރަށް ހަމަކޮށް ދަނީ ފެންނަމުން ކަމަށެވެ.
"މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާޙަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީޚީ ފުރުޞަތެއް. އަޅުގަނޑުމެންގެ ޤައުމަށް އުޖާލާ، ޒިންމާދާރު އަދި ނަޒާޙަތްތެރި މާދަމާއެއް ހޯދުމަށް މި ފުރުސަތުގެ ބޭނުން ހިއްޕަވާ." ފަހުމީ ވިދާޅުވި އެވެ.
މި ލިޔުން ކިޔާލުމުން