ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހިރުދުމާގެ / ޅ.ކުރެންދޫ، އިބުރާހިމް މުހައްމަދު (45އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.
އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް އަރާކަން ފާހަގަ ކުރެވޭ ކަމަށެވެ.
މި ސަރުކާރުން ދަނީ މަސްތުވާތަކެތިން މުޖުތަމައު މިންޖު ކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ ޓެކްނޮލޮޖީން ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 158 އޮޕަރޭޝަނެއް ހިންގައި، 183 ކިލޯ ގެ މަސްތުވާތަކެއްޗާއި، 8451 ބަނގުރާފުޅި އަދި ދަޅު ވަނީ އަތުލައި ގަނެވިފައި ކަމަށެވެ.
އަދި މަސްތުވާތަކެތީގެ މައްސަލާގައި 142 ބިދޭސީއަކު ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލައިފައި ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެފައި ވެއެވެ.
މި ލިޔުން ކިޔާލުމުން